ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
"މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި" ރައީސް ސޯލިހު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރަން. މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) November 16, 2020
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރަމުންނެވެ.
ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2
ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.