ކަޅުވަކަރު މިސްކިތް އަލުން ރާވާ މިއަދު ހުޅުވައިފިއެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.
ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.
ކަޅުވަކަރު މިސްކިތް، ސަލްޓަން ޕާކު ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް ވަޒީރުންގެ މަޖުލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ. އެ މިސްކިތް ބަހައްޓާފައިވަނީ ޤައުމީ ދާރުލް އާޘާރުގެ އުތުރުން އޮންނަ ބިމުގައެވެ.
މިސްކިތް އަލުން ބަހައްޓާފައިވަނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކުގައެވެ. މީގެއިތުރުން މި މިސްކިތް ބަހައްޓާފައިވަނީ ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރެވޭ ތަނެއްގެ ގޮތުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށެވެ.
ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.
ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.