މޫސުން ގޯސްވުމާ ގުޅިގެން ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުން ގޯސްވުމުގެ ސަބަބުން ހއ އިން ފެށިގެން ކ.އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ހޯރަފުއްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޑައިގެންނެވުން ވެސް މިހާރު ވަނީ މާދަމާ އަށް ފަސްކޮށްފައެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވުން މިހާރު ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ.
ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ ޓެސްޓު ފްލައިޓެއް ޖައްސާފައެވެ. މިއީ މި ސަރުކާރުން އައި ފަހުން ކުރެވުނު އެންމެ ބޮޑު އެއް މަޝްރޫއުއެވެ.
ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު މާޗު 25 ވަނަ ދުވަހުއެވެ. އެއާޕޯޓުގެ ޓާމިނަލް ގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ހޯރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި އެކު ހަދާފައިވާ އެއާޕޯޓެކެވެ.