Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ބަރުބަރީއެއްނޫނެވެ. ތަބުރޭޒީއެކެވެ.

ދިވެހިން ކުރިންތިބީ ބުދުދީނުގައި ކަމަށް ބުނެވެއެވެ. އިސްލާމްދީނުގެ ހިދާޔަތު ލިބިގަތުމުގެ ސަބަބުކަމަށް ރަސްމީ ތާރީޚުގައި ބުނާ ބޭކަލަކީ މޮރޮކޯގެ ޔޫސުފު ބަރުބަރީއެކެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ދިވެހީންގެ ރަސްގެފާނު އިޖާބަދެއްވައި އިސްލާމްދީން ގަބޫލުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރު ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހު ކަމަށް ބައެއް ދިވެހިން ގަބޫލުކުރެއެވެ. ކޮންމެއަކަސް މިއަދަކީ އެދުވަހެވެ. އެހެންވީމާ ރާއްޖެ އިސްލާމްކުރެއްވީ ހަގީގަތުގައިވެސް މޮރޮކޯއިން ވަޑައިގެންނެވި ބަރުބަރީއެއްތޯ އަދި ރާއްޖޭގެ ވެރިކަން އިސްލާމްދީނަށް އެނބުރުނު ދުވަހަކީ ރަބީއުލްއާޚިރު މަހުގެ ދެވަނަދުވަސްތޯ އަހައި ސުވާލުކޮށް އެކަމާމެދު ބަހުސްކުރަން އެންމެ އެކަށީގެންވާ ދުވަހަކީވެސް މިއަދެވެ.

އިސްލާމްވީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން މިދަނީ އިސްލާމްވި ދުވަހުން ފެށިގެނަކުންނޫނެވެ. ދުވަހެއް ފާހަގަކުރާން ފެށީ މާފަހަކުންނެވެ. ދުވަހެއް ފާހަގަކުރާންފެށީ މުހައްމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމި ރާއްޖޭގެ ވެރިކަން ރަސްކަމަކަށް އަލުން ބަދަލުކޮށް މުހައްމަދު އަމީނު ރާއްޖެއަށް ގެންނެވި ގިނަ ބަދަލުތަކަކީ ލާދީނީ ބަދަލުތަކެއްކަން ރައްޔިތުންނަަށް ވިސްނައިދިނުމުގެ އޮއިވަރެއްގެ ތެރެއިންނެވެ. ރާއްޖެ އިސްލާމްވިތާ 800 އަހަރަށްވުރެވެސް ގިނަދުވަސްވީ ފަހުންނެވެ. މިގޮތަށް ދުވަހެއް ފާހަގަކުރާން ފަށައިފައި އެކަންވެސް މެދުކެޑިފައި އަހަރުތަކަކަށް އޮތުމަށްފަހު ދެން އަލުން މިދުވަސް ފާހަގަކުރާންފެށީ ރައީސް މައުމޫނުގެ ދައުރުގައެވެ.

ރަބީއުލްއާޚިރު މަހުގެ ދެވަނަދުވަހޭ ކިޔަނީ ކީއްވެގެންބާވައެވެ. ދިޔަމިގިލީ ބަންޑާރައިންގެ އަމުރުފުޅަށް މީގެ ތިންސަތޭކައެއްހައި އަހަރު ކުރިން ހަސަން ތާޖުއްދީނު ދިވެހިރާއްޖޭގެ ތާރީޚު ލިޔުއްވާން ފެއްޓެވުމުގެ ކުރީގައި ލިޔެވި ރިކޯޑްކުރެވިފައިވާ ތާރީޚެއް ނޯވެއެވެ. ތާޖުއްދީނުގެ ތާރީޚު ލިޔުއްވީ އަރަބިބަހުންނެވެ. އޭނާ ލިޔުއްވާފައިވަނީ أثناء ربيع الآخرة މިހެންނެވެ. އަސްނާ ރަބީއުލްއާޚިރާއޭ ބުނެވޭ ބަހުގެ މާނަޔަކީ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. އެކަމަކު ފިލިޖެއްސެވުމެއްނެތި ތާޖުއްދީނު ލިޔުއްވާފައިވާ ލިޔުން ތަރުޖަމާކުރެއްވި ބައެއްބޭފުޅުންނަށް އެއީ އިސްނާން ރަބީއުލްއާޚިރާ ކަމަށް ފެނިވަޑައިގެން އެގޮތަށް ނިންމަވައިފިއެވެ. އިސްނާންކަމަށް ވަންޏާ އެއީ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.

އަސްނާކަމަށްވިޔަސް މައްސަލައެއްނެތްތާއެވެ. ދުވަސް ފާހަގަމިކުރަނީ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. އިސްނާންކަމަށް ވެއްޖެނަމަ އަދިމާބޮޑަށްވެސް ރަގަޅުތާއެވެ. ދުވަސް ފާހަގަކުރަމުން މިދަނީ އެބުނާ ދުވަހުއެވެ. ދުވަހުގެ މައްސަލައިގައި މާބޮޑު ބަހުސަކަށްދާން ފުރުސަތެއް ނެތަސް އިސްލާމްކުރެއްވި ބޭކަލަކާމެދު ބަހުސަކަށްދާން ޖާގަ އެބަލިބެއެވެ. އެގޮތަށް ޖާގަ ލިބެނީވެސް އެބޭކަލެއްގެ ނަން ފިލިނުޖަހައި ލިޔެފައި އޮވެގެން އެކިމީހުންނަށް އެކިގޮތަށް ކިޔޭގޮތް މެދުވެރިވާތީއެވެ. އެއްބަޔަކަށް އެއީ ތަބުރޭޒީއެވެ. އަނެއްބަޔަކަށް އެއީ ބަރުބަރީއެވެ. މައްސަލަ އުފެދޭ ލިޔުމަކީ މާލޭގެ ހުކުރުމިސްކިތުގައި އަހުމަދު ޝިހާބުއްދީނު ބެހެއްޓެވި ފިލާގައިވާ ލިޔުމެވެ.

ޝިހާބުއްދީނު ބެހެއްޓެވި ފިލާ މިހާރުވެސް ދާރުލްއާސާރުގައި އެބައޮތެވެ. އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތް އައުކުރައްވާފައި ފަހުން ބެހެއްޓެވި އައުފިލާވެސް އެބައޮތެވެ. އައުފިލާގައި ވަރަށް ސާފުކޮށް އޮތީ ތަބްރޭޒީ މިހެންނެވެ. ޝިހާބުއްދީނު ބެހެއްޓެވި ފިލާގައިވާ ލިޔުންވެސް މިރާއްޖެއަށް މޮރޮކޯގެ އިބުނި ބަތޫތާ ވަޑައިގެން އޭނާ އެހެން ގޮތަކަށް ވިދާޅުވުމާ ހަމަޔަށް އަދި އޭގެފަހުންވެސް ދިވެހިން ކިޔަމުން އައީ ތަބްރޭޒީ މިހެންނެވެ. ތާޖުއްދީނުގެ ތާރީޚުގައި އޭނާ ލިޔުއްވަނީވެސް ތަބްރޭޒީ މިހެންނެވެ. ބަތޫތާއަކީ ބަރުބަރީއެކެވެ. އޭނާއަށް ފެނިވަޑައިގަތީ ބަރުބަރީ މިހެންނެވެ. މިކަމާމެދު ބަތޫތާ ލިޔުއްވި ލިޔުއްވުމެއް މާފަހަކުން މުހައްމަދު އަމީނަށް ފެނިވަޑައިގެން ބަތޫތާގެ އައުރިވާ އެމަނިކުފާނު ގަބޫލުކުރެއްވީއެވެ.

އެންމެކުރީ ޒަމާނުން ފެށިގެން މުހައްމަދު އަމީނާ ހަމަޔަށް ދިވެހިން ދަންނަނީ ތަބްރޭޒީއެވެ. ފާރިސްކަރައިގެ އުތުރުގައިވާ ތަބްރޭޒުން ވަޑައިގެންނެވި ބޭކަލެކެވެ. މާލޭގައި ހުންނަ މެދުޒިޔާރަތަކީ ތަބްރޭޒުގެފާނުގެ ޒިތާރަތެވެ. ކެންދޫގައި ހުންނަނީ ތަބްރޭޒުގެފާނުގެ މަގާމުފުޅެވެ. އަހަރުމަތިފުޅު ކިޔަވަނީ ތަބްރޭޒުގެފާނަށެވެ. ހުރިހާކަމެއް ތަބްރޭޒުގެފާނަށެވެ. ބަރުބަރީއެއްކަމަށްވާ ބަތޫތާގެ ލިޔުއްވުން ފެނިވަޑައިގަތީމާ އައުކަމެއް ނުކުރެވެންޏާ ކޮންމޮޅުކަމެއްހޭ ވިދާޅުވާ ބީދައިން މުހައްމަދު އަމީނުވެސް އައުކަމެއް ކުރައްވައި ދިވެހިތާރީޚަށް ބަރުބަރީއަކު ތައާރަފުކުރައްވައިފިއެވެ. އެހިސާބަށްވެސް ބަރުބަރީއަކީ ދިވެހިން ދަންނަ ނަމެއް ނޫނެވެ.

ބަތޫތާގެ ލިޔުއްވުމުން މުހައްމަދު އަމީނު ނަކަލު ކުރެއްވީ ބަރުބަރީ އެކަންޏެވެ. އެކަމަކު އެނޫން ވާހަކަވާހަކަވެސް ބަތޫތާ ލިޔުއްވާފައިވެއެވެ. އެފަދަ އެއްވާހަކަޔަކީ ބަރުބަރީއަކު ވަޑައިގެން އިސްލާމް ކުރެއްވިއިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ އަހުމަދު ޝަނިވިރާޒާއޭ ލިޔުއްވުމެވެ. އެއީ ހޮޅިވާހަކައެކެވެ. ތަޚުތުގައި އިންނެވީ ތީމުގޭ މަހާކަލަމިންޖާއެވެ. ފަހުން މުހައްމަދެވެ. ޝަނިވިރާޒާއަކީ ވަޒީރެކެވެ. މިކަމުންއެކަނިވެސް ބަތޫތާ ލިޔުއްވާފައި އެހެރީ މުޅީން ސައްހަވާހަކަތަކެއް ނޫންކަން ޔަގީންވެއެވެ. އެހެންވީމާ ތަބުރޭޒީ ދޫކޮށްފައި ބަތޫތާގެ ބަރުބަރީ ރިވާޔަށް ތަބާވާންޖެހޭ ހުއްޖަތެއް ނެތެވެ. ސަބަބެއްވެސް ނެތެވެ.

ރާއްޖެ އިސްލާމްކުރެއްވީ އީރާނުގެ ތަބްރޭޒުން ވަޑައިގެންނެވި ބޭކަލަކަށްވަންޏާ އެބޭކަލަކު ވާނީ ޝިޔާ މަޒްހަބުގެ ބޭކަލަކަށޭ އީރާނަކީ ޝިޔާ މަޒްހަބުގެ ތަނެއްނޫންހޭ ބައެއް މީހުން ބުނެއެވެ. ތެދެކެވެ. އީރާނަކީ ޝިޔާ ގައުމެކެވެ. އެކަމަކު އެއީ މިހާރުއެވެ. ރާއްޖެ އިސްލާމްވި ދުވަސްވަރު އީރާނުގައި އަދި ޚާއްސަކޮށް ތަބްރޭޒުގައި އަގުލަބިއްޔަތު އޮތީ ސުންނީ މުސްލިމުންނަށެވެ. ސުންނީންގެ ތެރެއިންވެސް ޝާފިއީ މަޒްހަބުގެ މީހުންނަށެވެ. އެހެންވީމާ ތަބްރޭޒުން ވަޑައިގެންނެވި ބޭކަލަކު އެދުވަސްވަރުވާނީ ސުންނީއަކަށެވެ. ޝާފިއީއަކަށެވެ. އިސްލާމްވުމަށްފަހު ދިވެހީންގެ ތެރެއަށް ތައާރަފުވި ނަމާދު، ބަންގި، ރޯދަ މިޒާތުގެ އައު ލަފްޒުތަކަކީ ފާރިސީ އަދި އަޒާރީ ލަފްޒުތަކެކެވެ. އެއީވެސް ރާއްޖެއަށް ވަޑައިގެންނެވީ ތަބްރޭޒީއެއްކަން ދަލީލުކުރާ ކަމެކެވެ.