Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ޔާމީންގެ ވެރިކަން ވެއްޓުމުގެ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެއްޓުމުގެ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ މަސްވެރިން ރުޅި އަރުވާފައި، މަސްވެރިން ހިތްހަމަނުޖެހޭ ގޮތަށް ކަންތައް ކޮށްފައި ވެރިކަމަށް އައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މިދިޔަ އަހަރު ވެސް ވިދާޅުވި ކަމަށާއި އެގޮތުން ޔާމީންގެ ވެރިކަން ވެސް ވެއްޓުމުގެ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަބަބަކީ މަސްވެރިން ހިތްހަމަނުޖެހުން. އޭރުގައި ހުރި މިނިސްޓަރަކު، މަސްވެރިން ބޭނުންވާ ގޮތަށް ކަންތައްތައް ނުވުން" ތޯރިގު ވިދާޅުވިއެވެ.

އަދި މި ސަރުކާރުގައި ކަންކަން ކުރަމުންދާ ގޮތުން މަސްވެރިކަމުގެ އާބާދީ އޮތީ ރުޅި އައިސްފައި ކަމަށާއި އެގޮތުން މަސްވެރިކަމުގެ ސިނާއަތުން ނުސީދާ ގޮތެއްގައި 80،000 މީހުންނަށް ފައިދާ ލިބޭ ކަމަށް ތޯރިގު ވިދާޅުވިއެވެ. އެގޮތުން އެމީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރަކަށް ވޯޓު ދިނުމަކީ އެއީ ވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ތޯރިގު ވަނީ މަސްވެރިންގެ ޝަކުވާތައް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހަމައަށް ފޯރުކުރުމުން މިނިސްޓަރު އެކަން ގަބޫލުކުރަނީ އެއީ ސިޔާސީ ސަބަބަކަށްޓަކައި މަސްވެރިކަން ދައްކާ ވާހަކައެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ބަޖެޓުގައި މޮޅެތި އަދަދުތައް ޖެހި ނަމަވެސް އެކަންކަން ނުވާނެކަން މިހާރު ސާފުވަމުންދާ ކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ މުސްތަހީލު ކަމެއް ކަމަށްވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.