އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަކީ ހިޔާލީ ފޮލައެއް ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ ނުފޯރާފޮތިން ފޫގަޅަން އުޅުމުގެ ބަދަލުގައި ކަން އޮތް ގޮތަށް ހަގީގަތަށް ވާހަކަ ދެއްކުން މާ މުހިއްމު ކަމަށާއި އެގޮތުން ގައުމު މިއަދު އޮތް ހާލަތު ރައްޔިތުންނަށް ކިޔައިދިނުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.
އަދި އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު ވައްޑެ ވަނީ އެއީ ނުވާނެ ކަމެއްކަން ހަމަ ރަނގަޅަށް އިނގޭނެ ކަމަށާއި ދައުލަތުގެ ބަޖެޓަކީ ކެމްޕޭން ބަޖެޓަކަށް ވެގެން ނުވާނެ ކަމަށެވެ.
"މީގައި މިއޮތީ (ބަޖެޓް) ހަގީގަތުގައި ވެސް އަޅުގަނޑު ދަންނަވާލަން ވަރަށް ބޮޑު ހިޔާލީ ފޮލައެއްގެ މައްޗަށް. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް މިއެއް ނުފެތޭ. ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކަށް މިއެއް ނުފެތޭ. އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަފުޅުތަކަށް މިއެއް ނުފެތޭ" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ބަޖެޓުގައި އޭނާގެ ދާއިރާއަށް ހިމަނާފައި ހުރި ކަންކަން ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ބަޖެޓް މަޖިލީހަށް އައިއިރު ބައެއް ކަންކަން އުނިވެފައިވާ ކަމަށެވެ.
އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ވައްޑެ ވަނީ ކަންކަން ހިމަނާނަމަ އިންސާފުން ހިމެނުމަށް އެދޭ ކަމަށާއި އަދި މަޝްރޫއުތައް ކަނޑާނަމަ ހުރިހާ ރަށަކުން ވެސް އެއް ވަރަކަށް އިންސާފުވެރިކަމާއެކު އެކަން ކުރުމަށް ވެސް ގޮވާލާފައެވެ.
މީގެއިތުރުން ވައްޑެ ވަނީ ރައްޔިތުން ދަތި ހާލެއްގައި ތިއްބައި އަނެއްކާވެސް ފާޑުފާޑުގެ ޓެކްސްތައް ނަގައި އެމީހުންގެ އާމްދަނީން ސަކާ ކުރަން އުޅޭ އުޅުމަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި އޭގެ ބަދަލުގައި ރައްޔިތުންނަށް މި ދަތި ހާލުގައި ދަނޑުވެރިކަމާއި، މަސްވެރިކަން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ވައްޑެ ވަނީ ގޮވާލާފައެވެ.
"އެއީ ނޫ އިގްތިސާދަކީ. އެއީ މިކިޔާ ގޭބީސީގެ އާމްދަނީ ދެ ގުނަ ކުރެވޭނެ ގޮތަކީ. އެކަން ކުރަން ވައުދުވެގެން އަޅުގަނޑުމެން އައީ. ސެޒު ހަދާކަށް ނޫން، އައިހެވަން ހަދާކަށް ނޫން އައިކީ. ޖަޒީރާ ރާއްޖެއެއް ހޯދަން އައީ. ފަހުރުވެރި އާއިލާތަކެއް ބިނާކުރަން އަޅުގަނޑުމެން އައީ" ވައްޑެ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައިގަނޑު އެއް ސިޔާސަތަކީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ކަމަށާއި ނަމަވެސް މި ބަޖެޓުން އެކަން ހާސިލުވާތަން ވެސް ނުފެންނަ ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.