Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ސަރުކާރަށް ދެ އަހަރުވީއިރު ގައުމު ބަނގުރޫޓުވެއްޖެ: އަދުރޭ

މި ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓު ވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެ، ރައްޔިތުން ބިކަވެފައިވާ ކަމަށެވެ. އަދި ޒުވާނުން މަގުމަތިވެފައިވާ ކަމަށާއި މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އިސްލާމްދީން ނިކަމެތިކޮށްފި. ލާދީނިއްޔަތަށް މަގު ފަހިކޮށްފި. ޢަދުލު އިންޞާފު ގެއްލިއްޖެ. އަނިޔާވެރިކަން ޢާންމުވެއްޖެ. ވައްކަން އިންތިހާއަށް ހިނގައްޖެ" އަދުރޭ ވިދާޅުވިއެވެ.

ގައުމު ބަނގުރޫޓު ވެފައިވާ ކަަމަށް އިދިކޮޅުން ބުނަމުންދާއިރު، ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކުށްވެރި ކުރައްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ހިމަނާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ވެގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ހިންގާ ކުންފުނިތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.