Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

ދަރަނީގެ ވާހަކަ ދައްކަން އިދިކޮޅުން ލަދުގަންނަންޖެހޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ދަރަނީގެ ވާހަކަދައްކަން އިދިކޮޅު ފަރާތްތަކުން ލަދުގަންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވާދަވެރިން ޕޯޑިއަމްތަކުގައި ވާހަކަދައްކާ މަންޒަރު ފެންނަ ކަމަށާއި އެގޮތަށް ވާހަކަ ދެކެވެނީ އެމްއެމްޕީއާރްސީގެ މައްސަލަ ވެސް ނުބެލި އޮތުމުން ކަމަށެވެ.

އަދި ޕޯޑިއަމްތަކުގައި އެ ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާއި މިއީ ކޮން ދަރަންޏެއްކަން ރައްޔިތުންނަށް ސާފުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދަރަނީގެ ވާހަކަ ވާދަވެރިން އަޅުގަނޑުމެންނާއި ދައްކަން އެއަށް ވުރެ ވަކި ލަދުވެތި ވާހަކައެއް ނޯންނާނެ. ރާއްޖެ ދުވަހަކު ވެސް ނުދެކޭ މިންވަރަށް ދަރަނިވެރި ވީއިރު ދެންވެފައި އޮތް ގޮތް އަދި މާ ހިތާމަވެރި. 100 މިލިއަން ޑޮލަރު ނެގީ، އުފެއްދި ހަރުމުދަލުގައި ބަލާލިއިރު 50 މިލިއަން ޑޮލަރެއް ނެތް. ދެން އެ ހަރުމުދާ ބޭނުންކޮށްގެން ވިޔަފާރިގެ އެއްވެސް ހަމައެއް ވިދާޅުވެދެއްވާ މި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކޭނެ. ނެތް ދެއްކޭކަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދަރަނީގެ ގޮތުގައި ރާއްޖެ އިން ނެގި އެއްޗެއް ނަމަ "ކޮންމެ ރާތަލެއްގެ މަހަށް" އަނެއްކާވެސް "ރާތަލެއްގެ މަސް" ދޭނެ ކަމަށާއި ނަމަވެސް އެންމެ "ލޭތިއްކެއް" ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ނަޝީދު ވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަންޏަށް ހަދާނެ ގޮތް ބަލަން ތިބުމަށް އެދޭ ކަމަށާއި މި ސަރުކާރު ފެއިލް ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އެ ދަރަނި ފަސްވެސް ކުރެވޭނެ. އެ ދަރަނި ލަސްވެސް ކުރެވޭނެ، އެ ދަރަނި ކުޑަވެސް ކުރެވޭނެ. މިއީ އަޅުގަނޑުމެން ބަޔަކަށް ދޭން އޮތް އެއްޗެއް. އަޅުގަނޑުމެންނަށް އެ އެއްޗެއް ދެވޭނީ ދެވޭވަރު ވީމާ. ނެތް އެއްޗެއް ނުދެވޭނެ. ނެތް އެއްޗެއް ބަލާވެސް އަންނާނެ ކަމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

މިއަދު ދިމާވެފައިމިވަނީ ދަތި ހާލަތެއް ކަމަށާއި މި ހާލަތު ދިމާވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ދަރަނިތަކުގެ ސަބަބުން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ރައްޔިތުން ނިކުމެ އެ ވެރިކަން ބަދަލުކުރީ ވެސް އެ މަންޒަރު ފެންނަމުންދިޔުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.