Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މިތިބީ ދަރަނި ދައްކަން ފައްޓަރުބައި ވިއްކަންޖެހޭ ހާލަތުގައި: ނަޝީދު

ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކަން ދިވެހީންގެ ފައްޓަރުބަރު ވިއްކަން ޖެހިފައިވާ ހާލާތަށް ކަންކަން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ދިޔައީ ބަލާލުމެއް ވެސް ނެތި ފައިސާ އަށް ވުމުން ލިބެން އޮތީތީ ދަރަނި ނަގަމުން ކަމަށާއި އޭގެ ހިތި ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގެ ތެރޭގައި ވެސް ޗައިނާ އަށް 83 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުން ކަމަށެވެ.

"އަޅުގަނޑު އަންތަރީސް އެބަވޭ އެ އޮތް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ގައުމު، އެ އޮތް ކުރިއަރަމުން އަންނަ މީހުން އަދި ދުނިޔޭގެ ވެރިކަމަށް އުއްމީދު ކުރިމަން އަންނަ ގައުމު މި ދިވެހިރާއްޖޭގައި ތިބި 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނާމެންގެ ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާ ބުނުން" ޗައިނާ އަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

އަދި މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ދިވެހިން އެންމެ ބަލިވި ގަޑީގައި ދަރަނި އަނބުރާ ނަގަން އެއްގޮތަކަށް ވެސް ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އޭގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 5 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި ނަމަވެސް އެ ދަރަނި ދެއްކެން ނެތުމުން އެ ދަރަނިތައް ދައްކަން އަނެއްކާވެސް ދަރަނި ނަގަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފެންނަން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް ބަޖެޓަށް ހުތުރުކަން އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި ވިއްކާލަން މިޖެހެނީ. އަޅުގަނޑުމެންނަކީ ކޯހީނޫރު އަނގޮޓި އަޅައިގެން އުޅުނު ބައެއް ނޫން. ރޮލެކްސް ގަޑީގައި ވެސް ތިބި ބައެއް ނޫން، އަޅުގަނޑުމެންގެ ޖީބަށް ވައްޓާލި ބޯލް ޕޮއިންޓު ގަލަން އަދިވެސް އެ އިނީ ހަމަ ބޯލް ޕޮއިންޓު ގަލަމެއްގެ ގޮތުގައި. މި ފައިސާ އަނބުރާ ދައްކަން ޖެހޭއިރު އެ ބޭފުޅުންނެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ކަންކަން މިގޮތަށް ހުރި ނަމަވެސް ދިވެހި މާލިއްޔަތު އެމްޑީޕީގެ އުނގުގައި އޮވެގެން ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.