Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަދުރޭ، ނަޝީދަށް: ހިސާބު ކިޔަވަން ވަޑައިގަންނަވާ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް. ފޮޓޯ: މިހާރު

ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ރައްދު ދެއްވައިފިއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ޔާމީން ވެރިކަމާއި ހަވާލުވިއިރު ވެސް ރާއްޖެ އޮތީ ދަރަނިވެެރިވެފައި ކަމަށާއި އެގޮތުން ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ހަމައަށް އަދާނުކޮށް ހުރި ބިލުތަކުގެ ޖުމްލަ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

އެގޮތުން އެ ފައިސާ ދެއްކެވީ ޔާމީންގެ ސަރުކާރުން ކަމަށާއި އަދި ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ރިޒާވް 900 މިލިއަން ޑޮލަރަށް ހައްދަވައި، އުފެއްދުންތެރިކަން ބޮޑު ތަނުން މަތިކުރިއިރު، ނަޝީދު ދައްކަވާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ހިސާބުން ކިޔަވަން އަޅުގަނޑުމެންގެ ގާތަށް އަންނަންވީ ނޫންތޯ؟ އިގްތިސާދަކީ ކޯއްޗެއްކަން ނޭނގެންޏާ ފައިބައިގެން ރައްކާވާންވީ ނޫންތޯ؟ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގަމާރު ވެރިއަކު މި ރާއްޖެއިން ނުދެކޭ. ނަޝީދަށް ވާނުވާ ނޭނގުނަސް އަޅުގަނޑުމެންނަށް ވާނުވާ އެބަ އިނގޭ. އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާއި ޕީޕީއެމް އާއި ރައީސް ޔާމީނަށް އިނގެއޭ. ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ އަޅުގަނޑުމެން ކައިރީގައި ދައްކަން އުޅޭނެ ކަމެއް ނެތް" ނަޝީދަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ ރާއްޖެ އެއް ގައުމަކަށް ބަރޯސާކޮށް ދަރުވާލަނީ މި ސަރުކާރުން ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި ނަޝީދަށް މިއަދު ނެތް ނުވެގެން އުޅެނީ ބަޖެޓުގެ ހަގީގަތް ރައްޔިތުންނަށް އެނގި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކާމިޔާބު ނުކުރެވިދާނެތީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ދިޔައީ ބަލާލުމެއް ވެސް ނެތި ފައިސާ އަށް ވުމުން ލިބެން އޮތީތީ ދަރަނި ނަގަމުން ކަމަށާއި އޭގެ ހިތި ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގެ ތެރޭގައި ވެސް ޗައިނާ އަށް 83 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހިފައިވާ ކަމަށެވެ.

އަދި މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ދިވެހިން އެންމެ ބަލިވި ގަޑީގައި ދަރަނި އަނބުރާ ނަގަން އެއްގޮތަކަށް ވެސް ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.