Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

މިއަދަށް ތަވާލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް އުފުލި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ މި އަޑުއެހުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ޔާމީންގެ ބަލި ޙާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާކަމަށް ބުނެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ ކަމަށެވެ.

މިމައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ އޮގަސްޓް 16 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރާއި ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު، މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.