Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

މާމަގެ ފައްޓަރު ބައި ވިއްކައިގެން ވެސް ޗައިނާގެ ދަރަނި ނުދެއްކޭނެ

މާމަގެ ފައްޓަރު ބައި ވިއްކައިގެން ވެސް ޗައިނާ އަށް އަނބުރާ އަދާކުރަންޖެހޭ ދަރަނި އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފައްޓަރު ބައެއްގެ ފޮޓޯއަކާއި އެކު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ މިއަދު މަޖިލީހުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރެވެމުން އަންނައިރު 2021 ގައި ދައުލަތުގެ އާމްދަނީގެ 53 އިންސައްތަ ހޭދަ ކުރަން ޖެހޭނީ ދަރަނި ދެއްކުމުގައި ކަމަށެވެ.

އަދި މީގެ 80 އިންސައްތަ އަކީ ޗައިނާ އަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި މާމަގެ ފައްޓަރު ބައި ވިއްކާލައިގެން ވެސް އެދަރަންޏެއް ނުދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އިއްޔެ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ދިޔައީ ބަލާލުމެއް ވެސް ނެތި ފައިސާ އަށް ވުމުން ލިބެން އޮތީތީ ދަރަނި ނަގަމުން ކަމަށާއި އޭގެ ހިތި ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގެ ތެރޭގައި ވެސް ޗައިނާ އަށް 83 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހިފައިވާ ކަމަށެވެ.

އަދި މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ދިވެހިން އެންމެ ބަލިވި ގަޑީގައި ދަރަނި އަނބުރާ ނަގަން އެއްގޮތަކަށް ވެސް ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފެންނަން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް ބަޖެޓަށް ހުތުރުކަން އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި ވިއްކާލަން މިޖެހެނީ. އަޅުގަނޑުމެންނަކީ ކޯހީނޫރު އަނގޮޓި އަޅައިގެން އުޅުނު ބައެއް ނޫން. ރޮލެކްސް ގަޑީގައި ވެސް ތިބި ބައެއް ނޫން، އަޅުގަނޑުމެންގެ ޖީބަށް ވައްޓާލި ބޯލް ޕޮއިންޓު ގަލަން އަދިވެސް އެ އިނީ ހަމަ ބޯލް ޕޮއިންޓު ގަލަމެއްގެ ގޮތުގައި. މި ފައިސާ އަނބުރާ ދައްކަން ޖެހޭއިރު އެ ބޭފުޅުންނެއް ނެތް" ނަޝީދު ވިދާޅުވިއެވެ.