ބޯކޮށް ވާރޭވެހި ބ..މާޅޮހުގައި ފެން ބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ތިން ގެއަކަށް ފެން ވަދެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.