Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އިގްތިސާދީ ހައްލުގެ ހުރަހަކީ ނަޝީދުގެ ވިހަ ދޫ: ޕީޕީއެމް

ރާއްޖެ އަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިހަ ދޫ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްޤީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން، އެޤައުމުން ދިވެހި ރައްޔިތުންނަށް ޚާއްޞަ އިސްކަމެއް އަބަދުވެސް ދެމުންދާނެ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެ ކަމަށެވެ.

އަދި ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިޤްތިޞާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެކަން މިހާރު ވެސް ހާމަކޮށްފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ޤަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

"އިޤްތިޞާދު ފޫދިޔައީ އެމް.ޑީ.ޕީ ގެ ހިންގުމުގެ ހުނަރާއި، އިޙްލާސްތެރިކަމާއި، ޤާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުންނެވެ" ޕީޕީއެމުން ބުނެއެވެ.

ނަމަވެސް، ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީ.ޕީ.އެމް އިން ދާނީ ރައްޔިތުންގެ ޙައްޤުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ޤާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ޙައްލުކުރަމުން ކަމަށާއި އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން ފަސޭހަކަމާއެކު އެ ޕާޓީ އަށް ކުރެވޭނެ ކަމަށްވެސް ޕީޕީއެމުުން ބުނެއެވެ.

"ސަރުކާރަށް އެކަން ނުވެގެން އުޅޭނަމަ ނުވަތަ އެފަދަ މަޝްވަރާއެއް ކުރުމަށް ފަހަތުފަޔަށް ބުރަވަމުންދާނަމަ، އޭގެ ސަބަބުވެސް ސާފެވެ. ރައީސް ޞާލިޙް ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު އެބަ ބަދަލުކުރަންޖެހެއެވެ. އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހެއެވެ" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިންވެސް ބޮޑެތި އެހީތަކެއް، ބަދަލުގައި އަސްކަރީ އަދި އިސްތިޤްލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ އަދި އިތުރު ކަމެއް މަތިނުކޮށް، ދީފައިވާ ޤައުމެއް ކަމަށާއި އެގޮތަށް މިވަގުތުވެސް އަމަލުކުރާނެކަން ކަށަވަރު ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

"މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިޤްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ނަޝީދުގެ ވިހަ ދުލެވެ. ވިޔާނުދާ އަނގައެވެ. ހިމާރުގެ އަޑެވެ. މިލޯނުތައް ފަސްކޮށް، ލުއިގޮތްތަކެއް ހޯދައިގެން، ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބުމަކަށް އިތުރު ހުރަހެއް ނެތެވެ" ޕީޕީއެމުން ބުނެއެވެ.

އަދި މިކަން މިސަރުކާރަށް ނުވެގެން އުޅޭނަމަ، ޕީ.ޕީ.އެމް އިން އެކަން ރައްޔިތުންގެ ހައްގުގައި ފިސާރި ފަސޭހައިން ކޮށްދޭން ތައްޔާރަށް ތިބިކަމަށްވެސް ބުނެފައިވެއެވެ.