Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސިޔާމްގެ ނުރުހުން ނަޝީދަށް: މުޅި މަޖިލިސް ހަރާބުކޮށްލައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

މުޅި ރައްޔިތުންގެ މަޖިލިސް ހަރާބުކޮށްލާފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގައި މިއަދު އަދުލު އިންސާފެއް ނެތް ކަމަށާއި އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވައިގެން ނަޝީދު ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޒާތީ ނުވެ ކަންތައްތައް ކުރަން. މި މަޖިލީހަށް އައީ ރަނގަޅު އަދުލު އިންސާފު ގާއިމުކޮށްދޭނަމޭ ކިޔާފައި. އެހެން ނަވެސް މިއަދު މި މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނެއް ހަދައި މި މަޖިލީހަކީ ކޯޓަކަށް ތިބޭފުޅާ ހައްދަވައި. މުޅި މި މަޖިލިސް ހަރާބުކޮށްލައިފި. މުޅި މި ގައުމު ހަރާބުކޮށްލައިފި" ސިޔާމް ވިދާޅުވިއެވެ.

އެއްވެސް ގާނޫނަކަށް ބެލުމެއް ނެތި މިއަދު މީހުންގެ އެކައުންޓްތައް ވެސް ފްރީޒު ކުރަމުންދާ ކަމަށާއި މިއީ ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. ސިޔާމް އެ އިޝާރާތް ކުރެއްވީ އޭނާގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރަށެވެ.

ސިވިލް ކޯޓުން އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި ވާހަކަ ސިޔާމް ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް، ނަޝީދު ވަނީ މަޖިލީހުގައި އަމިއްލަ ވިޔަފާރީގެ ވާހަކަ ނުދެއްކެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ސިޔާމް ވަނީ ހުއްޓާނުލައި އެ ވާހަކަ ކުރިއަށްގެންދަވާފައެވެ.

"މި ދައްކަނީ ތިބޭފުޅާ (ނަޝީދު) ހިލްޓަންގެ ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް ނުފޫޒު ފޯރުވައިގެން އަޅުގަނޑަށް އަނިޔާ ކުރަމުންދާ ވާހަކަ. އެނގިލައްވާތޯ" ސިޔާމް ވިދާޅުވިއެވެ.