ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ޗައިނާ އިން ފަސްކޮށްދީފައިވަނީ ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ކަމަށެވެ.
ސަރުކާރުން މިހެން ބުނެފައިމިވަނީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އިއްޔެ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެ ދިވެހިން އެންމެ ބަލިވި ގަޑީގައި ދަރަނި އަނބުރާ ނަގަން އެއްގޮތަކަށް ވެސް ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
"އަޅުގަނޑު އަންތަރީސް އެބަވޭ އެ އޮތް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ގައުމު، އެ އޮތް ކުރިއަރަމުން އަންނަ މީހުން އަދި ދުނިޔޭގެ ވެރިކަމަށް އުއްމީދު ކުރިމަން އަންނަ ގައުމު މި ދިވެހިރާއްޖޭގައި ތިބި 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނާމެންގެ ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާ ބުނުން" ޗައިނާ އަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
އަދި އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފެންނަން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް ބަޖެޓަށް ހުތުރުކަން އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި ވިއްކާލަން މިޖެހެނީ. އަޅުގަނޑުމެންނަކީ ކޯހީނޫރު އަނގޮޓި އަޅައިގެން އުޅުނު ބައެއް ނޫން. ރޮލެކްސް ގަޑީގައި ވެސް ތިބި ބައެއް ނޫން، އަޅުގަނޑުމެންގެ ޖީބަށް ވައްޓާލި ބޯލް ޕޮއިންޓު ގަލަން އަދިވެސް އެ އިނީ ހަމަ ބޯލް ޕޮއިންޓު ގަލަމެއްގެ ގޮތުގައި. މި ފައިސާ އަނބުރާ ދައްކަން ޖެހޭއިރު އެ ބޭފުޅުންނެއް ނެތް" ނަޝީދު ވިދާޅުވިއެވެ.