ރާއްޖެ މިހާރު މިއޮތް ހާލަތުން އަރައިގަންނަން ބަޖެޓް އޮތްގޮތަށް ފާސްކޮށްދިނުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ޖަލްސާ ހަވީރުގެ ސަޔަށް މެދުކަނޑާލުމުގެ ކުރިން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މާލީ ހަރަދަށް ޒިންމާވާ ގޮތުގެ މަތީން ކުރިއަށް އޮތް މިޑްޓާމްގެ ފިސްކަލް ސްޓްރެޓަޖީ ޕޭޕަރ މިދިޔަ ޖުލައި 31 ގައި މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި އެގޮތުން އޭގައި ކުރިއަށް އޮތް ތަނުގައި ގައުމީ އުފެއްދުންތެރިކަމަށް އަންނަނެ ބަދަލުތަކާއި، އާމްދަނީގެ އަންދާޒާ އާއި ޕީއެސްއައިޕީގެ ސިޔާސަތުތަކަށް އަންނާނެ ބަދަލުތަކާއި، ދަރަންޏަށް ހުރި ރިސްކުތަކާ ގުޅޭ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން އޭގައި މިހާރު ހުށަހެޅިފައިވާ ބަޖެޓަށް ވުރެ މާބޮޑު ބަޖެޓެއް ހުށަހެޅުމަށް ފާހަގަކޮށްފައިވާނެ ކަމަށާއި އަދި މެމްބަރުން އެއަށް ރަނގަޅަށް ބެލިނަމަ މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ޖުލައި 31 ގައި ދުށް ހާލަތަށް ވުރެ މިހާރުގެ ހާލަތު މާ ރަނގަޅަށް ފަހުމް ވާތީ ހަރަދުތައް ކުޑަކޮށްގެން ހުށަހަޅާފައިވާ ބަޖެޓެއްކަން ސާފުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ މައިގަނޑު ވިސްނުމަކީ ވީހާވެސް އަވަހަކަށް އިގްތިސާދީ ތަދުމަޑުކަމުން އަރައިގަނެ އިގްތިސާދު ފުޅާކުރުން ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އިގްތިސާދު ފުޅާކޮށްގެން މެނުވީ ކުރިއަށް އޮތް ތަނުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެން ނުދާނެ ކަމަށާއި އާމްދަނީ އިތުރު ނުވާނަމަ ދަރަނި ދެއްކުމުގެ ކެޕޭސިޓީ ވެސް ކުޑަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަޖެޓުގެ އަމާޒަކަށް ވެގެން މިދަނީ އިގްތިސާދު ފުޅާކުރުމަށް" އަމީރު ވިދާޅުވިއެވެ.
ބަޖެޓް މަރުހަލާގައި މެމްބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ވެސް މިނިސްޓަރު ރައްދު ދެއްވިއިރު، އޭނާ ވަނީ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށްޓަކާ މި ބަޖެޓް ހުށަހެޅިފައިވާ ގޮތަށް ބަޖެޓް ފާސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.