Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

130 ކިލޯ ޑްރަގްސް: ޝަރީއަތް ނިމެންދެން ޝަހީބު ބަންދުކުރަން އަމުރުކޮށްފި

130 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ޝަހީބު--

މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

އެގޮތުން ހައިކޯޓުން މި އަމުރު ނެރުނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) ގެ މައްޗަށެވެ.

ޝަހީބު ބަންދުކުރަން ހައިކޯޓުން އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަހީބު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މިގޮތަށް އަމުރުކުރީ މި މައްސަލަ ބެލި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނިގޮތުގައި މިކަމުގައި ޝަހީބާއެކު ދެން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

އެގޮތުން ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލަ އާއި ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.