Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ފައިސާ ހޯދަން މުރަނގަ ފަތް އެކްސްޕޯޓް ކުރަން ގޮވާލައިފި

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް - ފޮޓޯ: މަޖިލިސް

މުރަނގަ ފަތް އެކްސްޕޯޓުކޮށްގެން ބައިވަރު ފައިސާ ލިބޭނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ ދަނޑުވެރި ކަމަކީ އެކްސްޕޯޓު ކުރެވޭ ވަރަށް ކުރިއެރުވިދާނެ ސިނާއަތެއް ކަމަށާއި އެގޮތުން މުރަނގަ އަކީ ރާއްޖޭގެ މަގުތަކުގަ އާއި ވަލުތެރޭގައި ވެސް އަދި ގޯތިތަކުގައި ވެސް ހެދޭ ބާވަތެއް ކަމަށެވެ.

"މުރަނގަ ފަތް ދުނިޔެއިން ބަލައިގަންނަނީ ސުޕަރ ފުޑެއްގެ ގޮތުގައި. ވަރަށް އަގުބޮޑުކޮށް ވިއްކޭ އެއްޗެއް. ކީއްވެތޯ އަޅުގަނޑުމެންނަށް ބޮޑު ރަށެއްގައި މުރަނގަ ފަތް ހައްދައިގެން އެކްސްޕޯޓު ނުކުރެވެންވީ؟ ވަރަށް ބައިވަރު ފައިސާ ވަންނާނެ. އެއީ ސުޕަރ ފުޑެއް" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދިވެހިންނަށް ބޭނުންވަނީ އެފަދަ ކަންކަން ކުރުމުގެ ވިސްނުން ކަމަށާއި ނަމަވެސް މާކުރިން ފެށިގެން ދިވެހިން ތަމްރީނު ވެފައި ހުރީ ފާޑުފާޑުގެ ޔުނީފޯމު ލައިގެން ތަނބެއް ހިފައިގެން ގޮސް ސާވްކޮށްގެން ފައިސާ ހޯދުމަށް ކަމަށެވެ.

އެގޮތުން ދަނޑުތަކަށް ފެން ދީގެން ނުވަތަ މަސްކަނޑައިގެން ފައިސާ ހޯދުމަކީ ބައެއް މީހުން ހިތްއެދޭ އަދި ރީތި ކަމެއް ކަމެއް ނޫން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ބަދަލުކުރަންވީ ދިވެހިންގެ ވިސްނުން ކަމަށާއި މިފަދަ ހާލަތެއްގައި ފަސޭހައިން އަދި އުނދަގުލުން ފައިސާ ހޯދަންޖެހޭ ކަންކަން ވެސް ކުރަންޖެހޭކަން ނަސީމް ފާހަގަކުރެއްވިއެވެ.

"މި ހުރިހާ ކަމެއްވެސް ކޮށްގެން ގައުމެއްގެ ގޮތުގައި އަރައިގަނެވޭނީ" ނަސީމް ވިދާޅުވިއެވެ.

މީގެއިތުރުން ނަސީމް ވަނީ "ކޮންޖެޝަން ޗާޖް"ގެ ނަމުގައި އާ ފީއެއް ނަގަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ވެސް ދެކޮޅު ހަދައި އޭގެ ބަދަލުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ އަތުން ފައިސާ ނެގުން ވެސް މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.