Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ޗައިނާ އިން ފަސްކޮށްދިނީ ސަރުކާރުގެ ލޯނުތައް އެކަނި: ބޮންޑޭ

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ޗައިނާ އިން ފަސްކޮށްދިނީ ސަރުކާރުގެ ލޯނުތައް އެކަނި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވެފައިމިވަނީ ޗައިނާ އަށް ދައްކަންޖެހޭ ބައެއް ލޯނުތައް އެގައުމުން ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވާތީ އެވެ.

އެކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ ޗައިނާ އިން ފަސްކޮށްދީފައި ވަނީ ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ދޫކުރި ލޯނުތައް އެކަނި ކަމަށާއި އަދި އެ ލޯނުތައް ދެއްކުން ފަސްކޮށްދިނީ ހަތް މަހަށް ކަމަށެވެ.

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ކަށަވަރު ކޮށްދީފައިވާއިރު މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އިއްޔެ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދަތި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އަންތަރީސް އެބަވޭ އެ އޮތް ބޮޑު ޗައިނާ، އެހެރަ ތަނަވަސް ގައުމު، އެ އޮތް ކުރިއަރަމުން އަންނަ މީހުން އަދި ދުނިޔޭގެ ވެރިކަމަށް އުއްމީދު ކުރިމަން އަންނަ ގައުމު މި ދިވެހިރާއްޖޭގައި ތިބި 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ތިމަންނާމެންގެ ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާ ބުނުން" ޗައިނާ އަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުން ބަލާލުމެއް ނެތި ދަރަނި ނެގުމުގެ ސަބަބުން އޭގެ ހިތި ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގެ ތެރޭގައި ވެސް ޗައިނާ އަށް 83 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފެންނަން އޮތް ގޮތް ކިތަންމެހާ ވެސް ހުތުރު ކަމަށާއި ނަމަވެސް ބަޖެޓަށް ހުތުރުކަން އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކަންކަން މިގޮތަށް ހުރި ނަމަވެސް ދިވެހި މާލިއްޔަތު އެމްޑީޕީގެ އުނގުގައި އޮވެގެން ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ވެސް ނަޝީދު ވަނީ އަރުވާފައެވެ.