Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހިތަދޫ އިޖުތިމާއީ މަރުކަޒުން ސްޕޯޓްސް ފިއެސްޓާއެއް ބާއްވައިފި

ހިތަދޫ އިޖުތިމާއީ މަރުކަޒުން އިސް ނަގައިގެން "ލެ ކެފޭ ސްޕޯޓްސް ފިއެސްޓާ 2020" ގެ ނަމުގައި ކުޅިވަރު މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގައި ހިމަނާފައިވަނީ ފުޓްސަލް، ބިލިއާޑް އަދި ފޫސްބޯލްއެވެ. އެގޮތުން އިއްޔެ ވަނީ ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ ކަޕެއްގެ ގޮތުގައި ފުޓްސަލް މުބާރާތް ކުޅެފައިވާއިރު މިމުބާރާތް ކުރިއަށް ދިޔައީ އިޖުތިމާއީ މަރުކަޒަށް ކުޅެން އަންނަ ހަ ޓީމުގެ މެދުގައި ދެ ގްރޫޕަކަށް ބަހައިގެންނެވެ.

ފޫސްބޯލް އަދި 8 ބޯލް ޕޫލް ބިލިއާޑު މެޗުތައް ވެސް ނިމިފައިވާއިރު ތިން ކުޅިވަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 އިން ފެށިގެންނެވެ.

ހިތަދޫ އިޖުތިމާއީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި މިމުބާރާތަކީ މިއަހަރު އެ މަރުކަޒުން ބޭއްވުމަށް ތާވަލް ކޮށްފައިވާ ހަރަކާތްތަކުގެ ތެރެއިން އިންތިޒާމް ކުރެވުނު ހަރަކާތެއް ކަމަށެވެ. މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ހިތަދޫގެ ޒުވާނުންގެ މެދުގައި އޮންނަ ރޫހު އާލާ ކޮށް ކުޅިވަރުގެ ޖޯށު ގަދަ ކުރުމަށް ކަމަށް މަރުކަޒުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ ހަރަކާތްތައް ފަސްވުމާއި، ނުބޭއްވި ކެންސަލް ކުރަން ޖެހުނު ނަމަވެސް މި ކުޅިވަރު ފިއެސްޓާ ބޭއްވުނީ ސްޕޮންސަރުންގެ ދީލަތީ އެހީތަކުގެ ސަބަބުން ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

މިމުބާރާތް ސްޕޮންސާ ކޮށްފައިވަނީ "ލެ ކެފޭ" އިންނެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި މީޑިއާނެޓް، ވީލްޕަވާ އަދި ފަލަކް ސްޕޯޓްސް ހިމެނެއެވެ. ޕްރިންޓިން ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އޮތް އިރު ފުޑް އެންޑް ބެވެރެޖް ޕާޓްނަރުންނަކީ ފާސްޓު ފުޑާއި ސުވަދީވް ރެސްޓޯރެންޓެވެ.

މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ސީ ޝެލްސް، އައިސީއެމް މޯލްޑިވްސް، ސިޓީ ފޮތި، އޭސީ ރިޔާޒް އަދި އީ ހަބެވެ.

މިރޭ 8:00 ގައި މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭއިރު ޓީމުތަކަށް ތަރުހީބު ދިނުމަށް ޔޫތް ސެންޓަރަށް ވަޑައިގެން ދެއްވުމަށް އެ ސެންޓަރުން ހިތަދޫގެ ރައްޔިތުންގެ ފަރާތުން އެދެއެވެ.