މާލެއިން ގެއްލިގެން މި މަހުގެ އެއްވަނަ ދުވަހުގެރޭ ހޯދަން އިއުލާންކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް، ފައިސާ އަތުލި މައްސަލައާ ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރު ނުފުރޭ ކުއްޖަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި 31 އަހަރުގެ މީހާގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ އެ ދުވަހުގެރޭ 22:45 ގައި ކަމަށެވެ.
އަދި އެ އަންހެން މީހާ ގެއަށް އައިސްފައިވަނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނާއިރު، ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ޝިރުމީނާގެ އާއިލާ އިން ވަނީ އޭނާ ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ފަހުން ވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.