Last Updated: July 29, 09:21
Tuesday, July 29, 2025
ޚަބަރު

ލޮނުޒިޔާރަތް ޕާކަށް 12،000 މީހުން ޒިޔާރަތްކޮށްފި

ލޮނުޒިޔާރަތް ޕާކު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކުރި ޕާކަށް މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މި މަހުގެ 12 ވަނަ ދުވަހު ހުޅުވި މި ޕާކަށް މިހާތަނަށް 12،773 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ވަނީ ޕާކުތައް ސާފުތާހިރުކޮށް ބެހެއްޓުމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކަށް ރައްޔިތުން ދޭ ސަމާލުކަމަށް ޝުކުރު އަދާކޮށްފައެވެ.

ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށާއި ހަވީރު 4:30 ން ރޭގަނޑު 9:30 އަށެވެ. އެ ކައުންސިލުން ވަނީ ލޮނިޒިޔާރަތް ޕާކަށް ވަދެ ނިކުމެ އުޅުމުގައި ގެންގުޅޭނެ ގައިޑްލައިންތައް އާންމުކޮށްފައެވެ.

އެގޮތުން ޕާކުތެރޭގައި ކުނިއަޅަން ވާނީ އެކަމަށް ހާއްސަކޮށް ބަހައްޓާފައި ހުރި، ކުނިއަޅާ ވަށިގަނޑުތަކަށް ކަމަށާއި، ފެން އެޅުމަށްޓަކައި، ފެން އަޅާ ފުޅި ޖެހޭނީ އަމިއްލައަށް ކަމަށް ބުނެފައިވެއެވެ. އަދި ޕާކު ތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއި ހެދުމަކީ މަނާކަމެއް ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ޕާކު ތެރޭގައި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ޕާކަށް ވަނުމުގެ ކުރިން އަދި ޕާކުން ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ފެށި މި ޕާކު ހެދުމަށް ސަރުކާރުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.