އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދިނުމަށް ނިންމައި އަކްރަމް މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
އަކްރަމް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.
އަކްރަމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އަކްރަމްގެ ސިޓީގައި ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.