Last Updated: July 29, 09:21
Tuesday, July 29, 2025
ޚަބަރު

ހޯރަފުށި އެއާޕޯޓު ހުޅުވައިފި

ހޯރަފުށި އެއާޕޯޓު ރައީސް ހުޅުއްވައިދެއްވަނީ - ފޮޓޯ: މޯލްޑިވިއަން

އެމްޓީސީސީން ހއ.ހޯރަފުށީގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވައިފިއެވެ.

މި އެއާޕޯޓު ހުޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއާޕޯޓު ހުޅުއްވައިދެއްވުމަށް ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގެންނެވީ މިއަދު މެންދުރު އެވެ. މިއީ ނުވަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހޯރަފުށި އެއާޕޯޓު މިއަދު ހުޅުވިއިރު މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެއާޕޯޓު ރަސްމީކޮށް ހުޅުވުމާ އެކު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް މޯލްޑިވިއަން އިން ވަނީ ހަމަޖައްސާފައެވެ.

ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު މާޗު 25 ވަނަ ދުވަހުއެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ތަރައްގީކޮށްފައިވެއެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.