Last Updated: July 29, 09:25
Tuesday, July 29, 2025
ޚަބަރު

އަކްރަމް އަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާނެ މީހެއް ނޫން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: މުހައްމަދު ޝަރުހާން

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަކްރަމްގެ ދިފާއުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ތެދުވެއްޖެއެވެ.

އަކްރަމް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމަކީ އިލެކްޝަންސް ކޮމިޝަނަށް ގެއްލިގެންދިޔަ އަގުހުރި، ގާބިލް ހިންގުންތެރި އެއް ކަމަށެވެ. އަދި އަކްރަމް އަކީ މުވައްޒިފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކޮށްފާނެ މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ހިތްވަރު ގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑި ގުޑަން އަންނާނެ" ޝަރީފް ވިދާޅުވިއެވެ.

މަގާމުގައި އިސްތިއުފާ ދެއްވައި އަކްރަމް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު
އަކްރަމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށެވެ.

ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އަކްރަމްގެ ސިޓީގައި ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.