ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި އައްޑު ސިޓީ އަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އޭގެ ސިލްސިލާގެ ދަށުން އައްޑޫ އާއި ހުވަދޫ އަތޮޅަށް އެ ހިދުމަތް ފުޅާކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ސިލްސިލާގެ ދަށުން، އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް، މާތް ﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން އެ އަންނަނީ ތައްޔާރުވަމުން" ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށީ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުއެވެ. ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ހދ.ކުޅުދުއްފުއްޓަށް އައިސްފައެވެ. ކުޅުދުއްފުއްޓަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ.
މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.