Last Updated: July 29, 09:12
Tuesday, July 29, 2025
ޚަބަރު

ދައުލަތަށް ދަރަނި ނަގަން ފެށީ މި ސަރުކާރުންނެއް ނޫން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ދަރަނި ނަގަން ފެށީ މި ސަރުކާރުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަން ރުފިޔާގައި ކަމަށްވާއިރު ވެރިކަން ނިމުނުއިރު ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށެވެ.

އަދި އޭގެ ކުރިއަށް ޖެހިލާއިރު 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި ތިން އަހަރަށްފަހު ވެރިކަމުން ވަކިވިއިރު ދަރަނި 26 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި ނެގީ 15 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމާ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ 4 ބިލިއަން ރުފިޔާ އަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ ކަންތައްތަކެއް ކުރެވޭނެ އަދަދެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފައިސާ ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ދަތި ހާލުގައި މިހާރުވެސް ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ފައިނޭންޝަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ހަރުމުދާ ނުވިއްކައި ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.