Last Updated: July 29, 09:25
Tuesday, July 29, 2025
ޚަބަރު

ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ފެށުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯރަފުށި އެއާޕޯޓު ހުޅުވިގެން ދިއުމުން ރަމްޒުކޮށްދެނީ، ރާއްޖޭގެ ރަށްތަށް ލާމަރުކަޒު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއީ މުޅި އިހަވައްދިންޕޮޅު ތަރައްޤީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް، އުންމީދު ކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް" ރައީސް ވިދާޅުވިއެވެ.

އަދި ހޯރަފުށީ އެއާޕޯޓާއެކު، އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސް ވެގެން ދާނެ ކަމަށާއި، އަދި މި އެއާޕޯޓު އިތުރަށް ތަރައްޤީވެ ފުރިހަމަވެގެން ދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް، މި އެއާޕޯޓު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ހޯރަފުށީ އެއާޕޯޓަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެގޮތުން ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރައީސް ވަނީ ހޯރަފުށީ ކައުންސިލަށް ގޮވާލާފައެވެ.

މީގެއިތުރުން ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތް ނަމަވެސް، މި އެއާޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވާނެ ކަމަށާއި، އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން، އެރަށުގެ އަށް ލައްކަ އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދެން އެންމެ އަވަހަށް ރިސޯޓް ތަރައްޤީ ކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރު ފިނޮޅު ވާނެ. މިރަށުގެ އުތުރުން އޮތް މެދުފުށި ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނަން. މީގެ އިތުރުން ވެސް ހއ، ހދ، ށ އަދި ނ. އަތޮޅުގެ ބައެއް ރަށްތައް އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމަށް ލުމަށް ވާނީ ނިންމާފައި" ރައީސް ވިދާޅުވިއެވެ.

އަދި ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަޙައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށާއި އެގޮތުން ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯރޓެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.