މިއީ މަޝްރޫއުތަކުގައި ބިންގާ އަޅާ ބާރުމިނުގައި، އެ މަޝްރޫއުތައް ނިންމާ ސަރުކާރެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް އިގްތިސާދީ ހީނަރުކަމެއް އައިސް އެތައް ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ވެސް މިފަދަ އެއާޕޯޓެއް ހުޅުވިގެން ދިޔުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ފަށައިގަންނަން ރައްޔިތުންނަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
"މި ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއެއް ނިންމާ ސަރުކާރެއް" ނަހުލާ ވިދާޅުވިއެވެ.
އަދި މި ސަރުކާރު ދެމި އޮންނާނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދައިދޭ ބައެއްގެ ގޮތުގައި ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. އޭގެ އިތުރުން ހޯރަފުއްޓާއި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް މިއަދު ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރު މާޗު 25 ވަނަ ދުވަހުއެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ތަރައްގީކޮށްފައިވެއެވެ.
ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.