Last Updated: July 29, 09:25
Tuesday, July 29, 2025
ޚަބަރު

އިންޑިއާ އާއި ޗައިނާއާ ދެކޮޅަށް ވެސް ނިކުންނާނެ ކަމެއް ނެތް: އަސްލަމް

މުހަައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

އިންޑިއާ އާއި ޗައިނާއާ ދެކޮޅަށް ވެސް އެއްވެސް ބަޔަކު ނިކުންނާނެ ކަމެއް ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިމިވަނީ ދަރަނީގެ މައްސަލައިގައި ޗައިނާ އަށް ބަހުގެ ހަމަލާތަކެއް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ބުނެ އިދިކޮޅުން އަންނަނީ އެ ފަރާތްތައް ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ކުރަމުންނެވެ.

ދައުލަތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ޗައިނާ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު ކަމަށާއި އަދި ބައެއް މިންގަނޑުތަކުން ބަލާއިރު އެގައުމުގެ އިގްތިސާދަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށެވެ.

އަދި އަނެއްކޮޅުން އިންޑިއާ އަކީ ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ކަމަށާއި، މި ދެ ގައުމަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީވެދޭ ދެ ގައުމު ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މިގޮތަށް އެހީވެދޭ ގައުމުތަކާ ދޭތެރޭގައި ބައެއް ފަރާތްތަކުން ތަފާތު އެކި ދެކޮޅުވެރިކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި އޭގެ ސަބަބުން މި ގައުމަށްވާ ގެއްލުން އިންތިހާ އަށް މާބޮޑު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޗައިނާއާ ދެކޮޅަށް ވެސް އަޅުގަނޑުމެން ނިކުންނާނެ ކަމެއް ނެތް، އިންޑިޔާއާ ދެކޮޅަށް ވެސް އަޅުގަނޑުމެން ނިކުންނާނެ ކަމެއް ނެތް. ގަތަރާއި ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ގުޅުން ބަދަހިކުރަންވީ. އެއީ އަޅުގަނޑު ދެކޭގޮތް. އެހެންވެ ދަންނަވާލީ" އަސްލަމް ވިދާޅުވިއެވެ.