Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

ބަޖެޓުގައި ހުރީ "އަލާއުއްދީނުގެ ވޮއްގަނޑުން" ވެސް ނުވާނެ ކަންކަން

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ބަޖެޓުގައި ހުރީ "އަލާއުއްދީނުގެ ވޮއްގަނޑުން" ވެސް ނުވާނެ ކަންކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ އަލާއުއްދީންގެ ވޮއްގަނޑުން ވެސް ނުވާނެކަން ޔަޤީންވާ ގިނަ ކަންކަން ބަޖެޓްގައި ހިމަނާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ.

"ބޮޑެތި މަޝްރޫޢުތައް ހިމަނާފައިވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓް ހޯދަން. ބަޖެޓްގައި ޖަހާފައި އޮތީމާ ރައްޔިތުން ވޯޓް ދޭނެކަމަށް ސަރުކާރާއި ސަރުކާރު ފަޅީގެ މެންބަރުން ޤަބޫލު ކުރަނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ދަރަނި ނުނަގާނެކަމުގެ ވަޢުދާއެކު އައި ސަރުކާރުން ރާއްޖޭގެ ތާރީޚުގައި ވެސް ރައްޔިތުން ދަރުވާނުލާ މިންވަރަށް ރާއްޖެ ދަރުވާލައިފި ކަމަށާއި އަދި އަންނަ އަހަރު ރާއްޖޭގެ ދަރަނި 82.8 ބިލިއަނަށް އަރާއިރު، އެއީ ކޮންމެ ދިވެއްސެއްގެ ބޮލަކަށް 165000 ރުފިޔާ ކަމަށާއި މިއީ، ބަލައިގަނެވޭނެކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ "ދަރަނިބޯ" ބަޖެޓެއް. މިބަޖެޓްގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު އިތުރަށް ގޯސްވެ، އަންއިމްޕޮލޮއިމަންޓް މައްސަލަތައް އިތުރުވެ، ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު މަތިވެ، އިމްޕޯޓް ދަށްވެ، ރާއްޖެ ހައިޕަރއިންފްލޭޝަށް ގޮސް ދާނެތީ އަޅުގަނޑުމެން ކަންބޮޑުވޭ" ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ދަރަނި ބަޖެޓަށް އާމްދަނީ ހޯދަން ރާވާފައި އޮތީ ޤައުމުގެ ސިޔާދަތަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށާއި އެގޮތުން ޤައުމުގެ ހަރުމުދާ، ބިން، ކުންފުނިތަކުގެ ހިއްސާ ވިއްކުމަކީ ކަންބޮޑުވާންޖެހޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މުދަލުން ދެމެހެއްޓެނިވި ނަފާ ހޯދުމުގެ ބަދަލުގައި އެއް ފަހަރުން މަދު ފައިސާކޮޅެއް ހޯދުމަކީ އިޤުތީޞާދީ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވާ ކަންކަން ކަމަށާއި ހަރުމުދާ ވިއްކައިގެން އާމްދަނީ ހޯދުމުން ނެގެޓިވް އެކްސްޓަރނަލް ޝޮކް ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ފުރުޞަތު ލިބުނީ ރައީސް ޔާމީން، އެ ރީތި، ބޭނުންތެރި ބިޔަ ޢިމާރާތް ފުރިހަމަ ކުރެއްވީމާ. އެތަން ރަހުނު ކުރުމުގެކުރިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަން" އޭނާ ވިދާޅުވިއެވެ.