Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދަރަންޏަކީ ކޯއްޗެއްކަން ރައީސަށް އޮޅުން ނުފިލާ: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮތް ހުސްވެފައިވާކަން މިއަދު ދެއްކެވި ވާހަކަތަކުން ކަށަވަރުވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ މިއަދުގެ ވާހަކައިން ކަށަވަރުވީ ކަމަކީ އެމަނިކުފާނަށް ވާނުވާ ނޭނގޭކަން ކަމަށާއި އަދި އަރަންޏާ ދަރަންޏާއި، ރިޒާވަކީ ކޯއްޗެއްކަން އޮޅުން ނުފިލާކަން ކަމަށެވެ.

"ގޮތް ހުސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ތުރުތުރު އަޅާކަން. ރައްޔިތުންގެ ކުރިމަތީ ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުން ނުވާކަން" އަދުރޭ ވިދާޅުވިއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ މިއަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ބޮޑު އަދަދެއް ޖަހާފައިވާތީ އެކަމަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ވަނީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަން ރުފިޔާގައި ކަމަށްވާއިރު ވެރިކަން ނިމުނުއިރު ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވެފައެވެ.

އަދި އޭގެ ކުރިއަށް ޖެހިލާއިރު 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި ތިން އަހަރަށްފަހު ވެރިކަމުން ވަކިވިއިރު ދަރަނި 26 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި ނެގީ 15 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމާ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ 4 ބިލިއަން ރުފިޔާ އަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ ކަންތައްތަކެއް ކުރެވޭނެ އަދަދެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފައިސާ ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ދަތި ހާލުގައި މިހާރުވެސް ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.