Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސަރުކާރަށް ފާޑުނުކިޔަނީ ނަހުލާ ވަޒީރުކަމުގައި ހުރެގެނެއް ނޫން: ގާސިމް

މި ސަރުކާރަށް ފާޑުނުކިޔަނީ އަނބިކަނބަލުން އައިޝަތު ނަހުލާ ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި ހުންނެވުމުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށާއި އެގޮތުން މިނިސްޓަރު ނަހުލާ ވެސް ކަމެއް ގޯސްކޮށް ކުރައްވައިފިނަމަ ގޯހޭ ދަންނަވާނެ ކަމަށެވެ.

"އަޅުގަނޑަކީ ދެފުށް ދެގޮތް މީހެއް ނޫން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމަށް މިވަގުތު ވަމުން އަންނަ ގޮތަށް ބަލާއިރު، ވާހަކަތަކެއް ދައްކައި ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް އެއްވެސް ބަޔަކާއެކީގައި ދާން ބޭނުން ނުވާ ކަމަށެވެ. އެގޮތުން މިވަގުތު ބޭނުންވަނީ ގައުމުގެ މަސްލަހަތާއި، އަމާންކަމާއި، އުހްވަންތަކަން ދަމަހައްޓައި ނަގަހައްޓައިގެން ގައުމާއި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި އެ ނޫން ކަމެއް މިވަގުތު ކުރަން ނެތް ކަމަށާއި ނަމަވެސް އޭނާ އަކީ ބުނަންޖެހޭ އެއްޗެއް ނުބުނެ ފަހަށް ޖެހޭނެ މީހެއް ނޫންކަން ރައްޔިތުންނަށް މިހާ ހިސާބަށް ވެސް އެނގޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ ނޫން އެހެން ކަމެއް މިވަގުތަކު ނެތް. އަޅުގަނޑު އެއްޗެއް ބުނަން ބޭނުން ނުވަނީ އެހެން ވެގެން. އަޅުގަނޑުގެ އަނބިކަމަނާ އެގޮތުގައި މަގާމެއްގައި ހުރުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ބުނަންޖެހޭ އެއްޗެއް ނުބުނެ ހުންނާނެ ސަބަބެއް ނޫން. އަޅުގަނޑު ބުނަން ޖެހިއްޖެ އެއްޗެއް އަބަދުވެސް މިހާ ހިސާބަށް ބުނެފައިކަން އޮންނާނީ ރައްޔިތުންނަށް އިނގޭނެ. ފަހަށް ޖެހޭނެ މީހެއް ނޫންކަން" ގާސިމް ވިދާޅުވިއެވެ.