Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

މަޖިލީހުގެ މަސައްކަތްތައް ނަޝީދު ކުރައްވަނީ މުރާލިކަމާއެކު: ގާސިމް

ގާސިމް އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ވަރަށް މުރާލިކަމާއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މަޖިލީހުގެ މަސައްކަތްތައް ނަޝީދު ކުރައްވަމުން ގެންދަވާ ގޮތާއި މެދު ދެކެވަޑައިގަންނަވާ ގޮތާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ ނަޝީދަކީ އެމަނިކުފާނުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި މަޖިލީހުގެ ކަންކަން ހިންގަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ރައްޔިތުން ކަމަށެވެ.

އަދި މިވަގުތު ވަކި މީހަކާ ޖެހިވަޑައިގަނެގެން، މަސްލަހަތު ގެއްލިދާނެ އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންނުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުރާލިކަމާއެކީގައި މަޖިލީހުގެ ކަންތައްތައް ރެއާއި ދުވާލު، އެކަމުގެ ތެރޭގައި އެބަ އުޅުއްވާ. އަބަދުވެސް ކުރައްވާ މަސައްކަތްޕުޅެއްގައި ރައީސް ނަޝީދަކީ މަސައްކަތް މުރާލިކަމާއެކު ކުރައްވާ ބޭފުޅެއް. އެތަން އަޅުގަނޑުމެންނަށް ފެންނަނީ. ރެޔާއި ދުވާލު އެ މަސައްކަތުގައި އެބަ ހޭދަ ކުރައްވާހަމަ. ޕެޝަންއާއެކީއޭ ދަންނަވާލާ ހިތްއޮތީ. ކުރައްވާހިތުން ކުރައްވާކަމެއްކަން އެބަ އިނގޭ" ގާސިމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއީ ރަނގަޅު ބަޖެޓެއް ކަމަށާއި ބަޖެޓް ބޮޑު ކުރެވެން އޮތްނަމަ އަދިވެސް އެކަން ކުރަންވީ ކަމަށެވެ. ނަމަވެސް މިހާލަތުގައި ސަރުކާރުންކުރާ މަސައްކަތްތަކަށް ފުރުސަތު ނުދީ ބަޖެޓް ކުޑަކޮށް ބަޖެޓަށް ވޯޓު ނުދޭން މަޖިލިސް މެންބަރުން އުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ގާސިމް ވަނީ ރާއްޖެއަށް އެހީވެދޭ ބޭރުގެ ޤައުމުތަކަށް ކުޑައިމީސް ބަސް ރައްދުކުރާ ފަރާތްތަކުން އެކަން ނުކުރުމަށް ވެސް ގޮވާލާފައެވެ.