Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ސަރުކާރު ދެމެހެއްޓުމުގައި ދެމި އޮންނާނަން: އެމްއާރްއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ - ފޮޓޯ: މައުމޫންގެ ޓްވިޓާ

މިހާރު އުފެދިފައިވާ ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއާރުއެމްއަކީ މިހާރު އޮތް ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާއި، ސަރުކާރަށް ތާއީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.

"ހަގީގަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބު ކުރުމުގައި، އެމްއާރްއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމް އުފެދިގެން އައީ ގައުމީ މުހިއްމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށާއި ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެމްއާރުއެމުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަން ދީގެން ކަމަށްވެސް ބުނެފައިވެއެވެ.