Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރައީސް ސޯލިހު ހެއްދެވީ ދޮގު، ދައުވާ ކުރާނަން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ފައިބައިގެން ވަޑައިގަތީ 85 ރަށުގެ ފައިސާ ހިއްޕަވައިގެން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތައް އިދިކޮޅުން ކުށްވެރިކޮށްފިއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދިވާ ކަމަށާއި ދައުލަތަށް ލިބެންވާ އާމުދާނީވެސް ނުލިބޭ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސްތާކަށް ވަޑައިގެންކަމީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ޝަރުއީ ދާއިރާއިން ރައީސް ޞާލިޙުގެ އަތްޕުޅު ނަންގަވާ ދުވަހެއް އައުމުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުއްލާނެ ކަމެއްކަންވެސް ދަންނަވަމެވެ. އަދި، ޤައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވުންކަން ފާހަގަކުރަމެވެ" އިދިކޮޅުން ބުނެއެވެ.

ރައީސް ޔާމީންގެ ޒަޢާމަތާއި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ ދައްކަން ރައީސް ސޯލިހު ލަދުފުޅު ގަންނަންވާނެ ކަމަށާއި އެގޮތުން ރައީސް ޔާމީންގެ 5 އަހަރުގައި، މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް 35 ރަށެއްގައި މަސައްކަތްކުރެވި، ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އެގޮތުން ޔާމީންގެ ވެރިކަމުގައި، 24000 އެނދުން 48000 އެނދަށް އެސިނާއަތު ފުޅާކުރެއްވިއިރު، ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއެރި ފަސް އަހަރަކީ ޔާމީންގެ ފަސް އަހަރު ކަމަށްވެސް އިިކޮޅުން ބުނެއެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ 'ކުރީ ސަރުކާރު ފޭބި އިރު އެއްވެސް ފައިސާއެއް ނެތް' ކަމަށް ވިދާޅުވެ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ރައްދު ދެއްވާފައެވެ.

"އެމަނިކުފާނާ މިޕާޓީން ވެރިކަން ޙަވާލުކުރި ދުވަހު، ރައީސް ޔާމީން ޤާއިމުކުރެއްވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ހުންނާނެއެވެ. މިކަން އޮންނާނީ 22 ނޮވެމްބަރު 2018 ގައި އެމް.އެމް.އޭ ގެ އެއިރުގެ ގަވަރުނަރު އަޙްމަދު ނަޞީރު، ބަޖެޓް ދިރާސާގެ ތެރޭގައި ހާމަކުރައްވާ، އިޢްތިރާފުވެވަޑައިގެންފައެވެ. އޭގެ އިތުރުން، 718 މިލިއަން ޑޮލަރު އެމް.އެމް.އޭ. ގެ ރަސްމީ ރިޒާވުގައި، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިންމެވިއިރު، ރައްކާކޮށްފައި ހުންނާނެއެވެ. މިއަން ވަނީ އެމް.އެމް.އޭ. ގެ ވެބްސައިޓުގައިވެސް ޝާއިޣުކޮށްފައެވެ" އެ ބަޔާނުގައި ވެއެވެ.

އަދި ރައީސް ޞާލިޙާ ޤައުމު ޙަވާލުކުރެއްވިއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 74 އިންސައްތައިގައި ކަމަށާއި ރައީސް ޞާލިޙަށް އެންމެ ދެ އަހަރު ވެރިކަން ކުރެއްވުނުއިރު، އެ އަދަދު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިތުރުކުރައްވާ، 107 އިންސައްތައަށް އުފުއްލަވާލައްވާފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެއިތުރުން ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ރައީސް ޞާލިޙު ނެންގެވިއިރު، އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މިއީ ރައްޔިތުން ލަދުވެތިވާފަދަ އިތުރު ރެކޯޑެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"ލޯނު ނަންގަވައިގެން ކުރައްވަނީ ކޮންކަމެއްތޯ ރައްޔިތުންނަށް މިއަދު އެބަ ހާމަވާންޖެހެއެވެ. ޢާންމު އުޞޫލުން، ރައީސް ޞާލިހުގެ ކުރިން މިޤައުމުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ލޯނު ނަންގަވައިގެން ރިކަރަންޓް ޚަރަދު ކުރައްވާފައިވަނީ އެންމެ ބޮޑުވެގެންވެސް 15 އިންސައްތައެވެ. ނަމަވެސް، ރައީސް ޞާލިޙު ނަންގަވާފައިވާ ފިތްކަނޑައިގެންދާހާ ގިނަ ލޯނުތަކުގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެއް ހޭދަކުރައްވަމުންގެންދަވަނީ ރިކަރަންޓް ޚަރަދަށެވެ. ތިމާގެ މީހުންނާއި ޕާޓީ އެކްޓިވިސްޓުންނަށް މުސާރަ ދެއްވުމާއި، ޗުއްޓީ ދަތުރުފުޅުތައް ކުރެއްވުންފަދަ އިސްރާފުތަކަށެވެ" އިދިކޮޅުން ބުނެއެވެ.