Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރާއްޖޭގެ އަސްލު ވެރިމީހާ ހުންނެވީ މަޖިލީހުގައި: ޖަމީލު

ރާއްޖޭގެ އަސްލު ވެރިމީހާ ހުންނެވީ މަޖިލީހުގައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމައެކަނި ވަގުތު ގުނަނީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ފައިސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިފައިވާ ކަމުގެ ތުޙުމަތު ސީރިޔަސް ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން ކަމަށާއި ނާގާބިލްކަން ކޮންމެ ދިމާލަކުން ވެސް ފެންނަމުންދާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފަ. އަސްލުވެރިމީހާ ހުންނެވީ މަޖްލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލުގެ ބަހުގެ ހަމަލާތަކެއް ރައީސް ސޯލިހަށް އަމާޒު ކުރައްވާފައިމިވަނީ ކުރީގެ ސަރުކާރަށް އެމަނިކުފާނު ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދިވާ ކަމަށާއި ދައުލަތަށް ލިބެންވާ އާމުދާނީވެސް ނުލިބޭ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ބުނެފައެވެ.