Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އީސީގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން ގޮވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް -- ފޮޓޯ / މިހާރު

އިލެކްޝަންސް ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ގޮވާލައިފިއެވެ.

ޝަރީފް މިކަމަށް ގޮވާލާފައިމިވަނީ އީީސީގެ ކުރީގެ މެމްބަރެއްގެ ފުރައްސާރައާ ހެދި އެ ކޮމިޝަނުގެ މުވައްޒަފަކު މަރުވާން އުޅުނު ކަމަށް، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކު "މިހާރު" ނޫހަށް ދެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.

އެގޮތުން އީސީގެ މުވައްޒަފުންނާ ހަވާލާދީ އެ ނޫހުގައި ލިޔެފައިވާ ލިޔުމުގައި ވަނީ ޖިންސީ ފުރައްސާރަ ކުރުމަކީ އީސީގައި ސަގާފަތެއްހެން އަށަގަނެފައިވާ ކަމެއް ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށާއި އެ ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ކޮމިޝަނުގެ ކަންކަން ރަނގަޅުވެފައިވާކަން ހާމަނުކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

"ކޮމިޓީން އަޅުގަނޑު ކައިރީގައި ބުނީ މި ދެންނެވި ވާހަކަ" ޝަރީފް ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަކްރަމް އިސްތިއުފާ ދެއްވީ އެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަކްރަމް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އަކްރަމްގެ ސިޓީގައި ބުނެފައިވެއެވެ.