Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މާފުށިން ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ރަނގަޅުވެއްޖެ

ކ.މާފުށި

ކ.މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ރަނގަޅުވެއްޖެއެވެ.

މާފުށި ސިއްހީ މަރުކަޒުން ބުނީ މާފުށިން ކޮވިޑް-19 އަށް ޕޮސިޓިވްވި ފަސް ފަތުރުވެރިންގެ ތެރެއިން އެންމެފަހު ފަތުރުވެރިޔާ ބަލިން ރަނގަޅުވުމާއި ގުޅިގެން މިއަދު ވަނީ ދޫކޮށްލާފައި ކަމަށެވެ. އެހެން ކަމުން މިވަގުތު މާފުށީގައި ކޮވިޑް-19 ގެ އެކްޓިވް އެއްވެސް ކޭސް އެއް ނެތް ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

މާފުށިން 5 ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ފަސް ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 85 ރެންޑަމް ސާމްޕަލް ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

އަދި މީގެއިން ލިބުނު ފިލާވަޅަކީ ގެސްޓް ހައުސްތަކުންނާއި، ވިޔަފާރިތަކުން އަދި ޓޫރިސްޓް އެންމެ ހަރަކާތްތަކުން ރައްކާތެރިކަމުގެ މިންގަނޑު ތަކަށް ބޯލަނބާފައިވާ މިންވަރު ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ތަނުގައިވެސް އެ މިންގަނޑުތައް ހިފަހައްޓާ، ބަލި ފެތުރުނު ނުދިނުމަށް އިތުރަށް މަސައްކަތް ކުރުމަށް ސަމާލުކަން ދިނުމަށް މާފުށި ސިއްހީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.