Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ފަސްވަނަ މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް ހޯމަ ދުވަހު ބާއްވަނީ

ހަތަރު ވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފައްޓަވާ ދެއްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ 5 ވަނަ މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަހަރުގެ ޕޮލިސީ ޑައިލޮގް ވަރޗުއަލްކޮށް ބާއްވާއިރު، ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، ތަރައްޤީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްޤުތައް، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުން މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ.

އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެއެވެ. އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ.