Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވާލަން ގޮވާލައިފި

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވާލަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

ފަޒްނާ މިކަމަށް ގޮވާލެއްވީ "އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" ގެ ނަމުގައި ބާއްވާ ތަޢުލީމާ ގުޅޭ މަހާސިންތާ އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ވަރޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކޯވިޑް-19 ގެ މި ހާލަތުގައި ވެސް ކުދިންނަށް ތަޢުލީމު އުނގަންނައިދޭން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުޞަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އަދި މަދުރަސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާޢީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާޙައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

އެން.އައި.އީ.އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ކޯވިޑްގެ ޙާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.