Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަލީ ވަހީދުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން މި މައްސަލައާ ގުޅޭ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ ފަރާތުން ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ހަ ދައުވާތައް:

1- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ

2- ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ

3- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ

5- ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ

6- ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމުން އިސްތިއުފާ ދެއްވަން އޭނާ އަށް އަންގަވާފައެވެ.

ނަމަވެސް ރައީސް އެންގެވި ގޮތަށް އިސްތިއުފާ ނުދެއްވުމުން، އެމަނިކުފާނު ވަނީ އަލީ ވަހީދު މަގާމުން ވަކިކުރައްވާފައެވެ. މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށް ވެސް ހާޒިރުކޮށްފައިވާއިރު، އޭނާ އަށް ވަނީ ފުރުން ވެސް މަނާކޮށްފައެވެ. އަލީ ވަހީދު ވަނީ އޭނާ އަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.