Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ގެސްޓްހައުސްތަކަށް ލިބޭ ގެއްލުން ބޮޑު، ކޮވިޑްގެ ނަމްބަރު ދަށްކޮށްދީ

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވި ގިނަ ދުވަސްތަކެއް ވަމުންދާތީ ލިބޭ ގެއްލުން ބޮޑު ކަމަށާއި އެހެންކަމުން މާލެ ސަރަހައްދުގެ ކޮވިޑް-19 ގެ ނަމްބަރު ދަށްކުރަން އެހީވުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭ ކަމަށާއި ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރު ހިދުމަތްތައްވެސް އަދި ނުހިންގޭ ކަމަށެވެ. އަދި އެ ތަންތަން ހިންގާ ފަރާތްތަކުން ތަހައްމަލުކުރާ ގެއްލުން ވަރަށް ބޮޑު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މާލެ ސަރަހައްދުގެ ކޮވިޑު ނަމްބަރު ތިރިކުރުމަށް އެޗް.ޕީ.އޭ ގެ އެންގުންތަކަށް ބޮޑަށް ސަމާލުވަމާތޯ" މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ 94 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެތެރެއިން 49 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.

ރާއްޖެއިން މިހާތަނަށް 12،546 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 997 ކޭސް އެބަ އުޅެއެވެ. އަދި 80 ފަރާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 11،497 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 45 މީހުން ނިޔާވެފައެވެ.