Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ފައްޔާޒުގެ ބާރު ސަރުކާރުގެ ތެރޭގައި ގަދަ: ހަސަން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބާރު ސަރުކާރުގެ ތެރޭގައި ގަދަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ ފައްޔާޒުގެ ބާރު މި ސަރުކާރުގައި ގަދަ ކަމަށް ވަރަށް ގިނަ ބޭފުޅުން ގަބޫލުކުރާ ކަމަށާއި އަދި އޭނާ ވެސް އެގޮތަށް ގަބޫލު ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތުން ކުޑައިރުއްސުރެން ފައްޔާޒު ދަންނަކަން ހާމަކުރައްވަމުން ހަސަން ވިދާޅުވީ ފައްޔާޒަކީ ކަމެއް ހަވާލުކުރެވެންދެން މަޑުކޮށްގެން ހުންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، އަދި އޭނާ އަކީ ގިނަ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވާ އަދި ކުރެއްވޭނެ، ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އެގޮތުން ގިނަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ، ހާއްސަކޮށް މިނިސްޓަރެއް ވެއްޖެއްޔާ ބާރު އޮންނާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެ ބާރަކީ" ހަސަން ވިދާޅުވިއެވެ.

އަދި ބައެއް ކަންކަމަކީ މޫނު މައްޗަށް ފެންނައިރު އިކޮނޮމިކް މިނިސްޓްރީން ކުރާ ޒާތުގެ ކަންކަން ހެން ހީނުވެދާނެ ކަންކަން ކަމަށާއި ނަމަވެސް ސަރުކާރުގެ ތެރޭގައި އެ އޮންނަ އެއްބަސްވުމެއްގެ ދަށުން ފައްޔާޒަކީ އެފަދަ މަސައްކަތްތައް ވަރަށް ގިނައިން ކުރައްވާނެ ކަހަލަ ބޭފުޅެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

"އެކަހަލަ ބޭފުޅެއް ވީމަ ބާރުވެސް އޮންނާނެ ކަމަށް ގަބޫލުކުރެވެނީ. އެ ބާރު ރައްޔިތުންނަށް ފެނޭ އެބަ. އެކި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ އެކި ގޮތަށް. އެއީ ވަރަށް ނުފޫޒު ގަދަ ބޭފުޅެއް ގޮތަށް. އެހެންވާނީ، ނުފޫޒު ގަދަ ވާނެ އެހެން ގިނަ މަސައްކަތް ކުރައްވާ ބޭފުޅުން" ހަސަން ވިދާޅުވިއެވެ.