Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ތަސައްވުރާ އެއްގޮތަކަށް ނުދޭ

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ހަސަން ލަތީފް - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ތަސައްވުރާ އެއްގޮތަށްދާ ކަމަށް ދަންނަވަން ދަތި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ މިހާރު ސަރުކާރުގެ ސިޔާސަތުތައް ދަނީ އެމްޑީޕީގެ ތަސައްވުރާ އެއްގޮތަށް ކަމަށް ދަންނަވަން ދަތި ކަމަށެވެ.

އެގޮތުން މިއީ ކޯލިޝަން ސަރުކާރަކަށް ވުމުން، ސަރުކާރުގައި އޮންނާނީ ކޯލިޝަންގެ މެނިފެސްޓޯއެއް ކަމަށް ސަރުކާރުގެ ވަރަށް ގިނަ ބޭފުޅުން ގަބޫލުފުޅުކުރައްވާ ކަމަށާއި ނަމަވެސް އެއީ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ވިސްނަން ވެސް ތަންކޮޅެއް ދަތި ކަމެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ދަތި ކަމެއް އެއީ މުޅި ދިވެހިރާއްޖޭގައި ދަތުރުކުރި އެމްޑީޕީ، ދެން ކެމްޕޭނުގައި މަސައްކަތް ނުކުރައްވައެކޭ ނުދަންނަވާނަން ޖުމްހޫރީ ޕާޓީން ވެސް ރައީސް މައުމޫންގެ ބޭފުޅުން ވެސް އަދި އަދާލަތު ޕާޓީ ވެސް. އެހެން ނަމަވެސް މައިގަނޑު އަސާސް އަދިވެސް އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި އެ އޮތީ" ހަސަން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު އޮންނަ މެނިފެސްޓޯ އޮންނާނީ ކޯލިޝަން މެނިފެސްޓޯއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ހިންގަވަން ދަތިފުޅުވާނެ ކަމެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

"މިސާލަކަށް އަދާލަތުން ނުވަތަ ޖުމްހޫރީ ޕާޓީން ބޭނުންވާ ވަކި ކަމެއް އޭގައި ހިމަނާފައި، ރައީސް މައުމޫން ބޭނުންވާ ވަކި ކަމެއް ހިމަނާއިރު އެމްޑީޕީން ކޮންމެހެން އެޔަކާއި އެއްބަސް ނުވެދާނެ. ދެން ކޮން ގޮތެއްތޯ އެތަނުން ހިޔާރު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ؟" ހަސަން ވިދާޅުވިއެވެ.

ކޯލިޝަނުގެ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ވަޒީރުކަމުގައި ތިއްބެވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އޭގެއިން ކޮންމެ ބޭފުޅެއްގެ ވިސްނުން ސަރުކާރު ހިންގަން ކޮންމެހެން ގެންނަން ނުޖެހޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމެއްގައި ކޯލިޝަނުގެ ތަޖުރިބާއަކީ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.