Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީ ކޮންމެހެން ހުންނަންޖެހޭތޯ ސުވާލު އުފެދޭ

ހަސަން ލަތީފް

ސަރުކާރުން ކުރަންޖެހޭ ހަރަދަށް ބަލާއިރު، ކޮމިއުނިކޭޝަން މިނިސްޓްރީ ކޮންމެހެން ހުންނަން ޖެހޭތޯ ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވިއިރު ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް މައްސަލަ މިހާރު ވަނީ ވައްދާފައެވެ. މި މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ 10 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު، މި މައްސަލަ ވެއްދީ ގާނޫނީ ޒިންމާ މަލީހު އަދާނުކުރައްވާ ކަމަށް ބުނެއެވެ.

މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ހަވާލުކޮށްފައިވާ މަސައްކަތް އެ މިނިސްޓްރީން ކުރާތަން ނުފެންނަ ކަމަށާއި އަދި އެ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ބެހެއްޓުން މުހިއްމުތޯ ވެސް ވިސްނާލުން ރަނގަޅު ކަމަށެވެ.

"ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއް ކޮންމެހެން އެއްވަރަކަށް މަސައްކަތް ހުރެފައި، އެ މިނިސްޓްރީގެ ހައިބަތާއި އެ މިނިސްޓްރީން ކުރާ މަސައްކަތް އެއްގޮތް ވެފައި، އެއް މިންވަރަކަށް ހުންނަންޖެހޭ ވާހަކައެއް ނޫން. މިސާލަކަށް ޑިފެންސް މިނިސްޓްރީ އަކާއި، ފޮރިން މިނިސްޓްރީއަކާއި، ހޯމް މިނިސްޓްރީ ކޮންމެހެން އެއްގޮތްވާކަށް ނުޖެހޭނެ ޔޫތް މިނިސްޓްރީއާ. އެކަމަކު ތި ވިދާޅުވި މިނިސްޓްރީ، އެ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތޯއޭ، އެއީ ވެސް ސުވާލެއް ހަމަ" ހަސަން ވިދާޅުވިއެވެ.

ހަސަން ވަނީ މިގޮތަށް ވިދާޅުވީ އެ މިނިސްޓްރީ ހިންގެވުމުގައި މަލީހު ހުންނެވުމުން ނޫން ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ކުރަން ހުރި ކަންކަމާއި، ހަރަދަށް ބަލާއިރު ކޮންމެހެން އެ މިނިސްޓްރީ އަކީ ހުންނަންޖެހޭ މިނިސްޓްރީއެއްތޯ ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މަލީހުއާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މާދަމާ މަޝްވަރާ ކުރާނެ ކަމަށާއި 10 މެމްބަރުން ސޮއިކުރި ނަމަވެސް އެއަށް ވުރެ މާގިނަ މެމްބަރުންގެ ހިތްހަމަނުޖެހުން ހުންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.