Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އިމްރާން ވަކިކުރުމުގެ މައްސަލައަށް ތާއީދުނުކުރަން އެމްޑީޕީން ނިންމައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަކިކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވެއްދި މައްސަލައަށް ތާއީދު ނުކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް އެހުމުން އޭނާ އަށް އިތުބާރު އޮތް ކަމަށް ވަނީ ފާސްވެފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު އާންމު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު އިމްރާނަށް ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު މިނިސްޓަރަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސް ނިމުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރާނެ ކަމަށެވެ. ބަޖެޓް ބަހުސް މިދިޔަ ހަފްތާގައި ވަނީ ނިމިފައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން އިމްރާން ދާދިފަހުން ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.