Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ.

މި މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށެވެ.

އަދި އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެގެން ގޮސްފައެވެ.