Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: އަމިއްލަ ސަންދޯކަށް ތިޔަ ޖަހަނީ މޮހޮރު!

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކުރި ކުރުމަށް މަލީހު ފާޑު ވިދާޅުވެއްޖެއެވެ.

މި މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމދު ސޯލިހު އަރިހުގައި ދަންނަވަން ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން މަލީހު ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ފާސްކުރީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަށް އިތުބާރު ނެތް ކަމަށް ކަމަށެވެ. އަދި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

"އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު" މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށް ބުނެފައެވެ.

އެގޮތުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.